މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ގުނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދިޔަ މި އިންތިޚާބުތަކުގެ ވޯޓުލުން އެންމެ ފުރަތަމަ ނިންމުމަށް ހަމަޖެހިފައި އޮތީ ހަވީރު 4:00 އަށެވެ. ނަމަވެސް، އާންމުންގެ ހުށަހެޅުންތަކާ ގުޅިގެން ވޯޓުލާ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކުރިއެވެ. ހަވީރު 5 ޖެހުމާއެކު ވޯޓުލާ މަރުކަޒުތަކުގެ ކިޔޫތައް ބަންދުކޮށް، އޭގެ 30 މިނެޓު ފަހުން ވޯޓު ގުނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ވޯޓު ގުނުމުގައި އިލެކްޝަންސް ކޮމިޝަނުން ތަރުތީބެއް ކަނޑައަޅާފައިވާއިރު، އެންމެ ފުރަތަމަ އިއުލާނުކުރާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއެވެ. އޭގެ ފަހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ގުނާއިރު، އެންމެ ފަހުން ގުނުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 4:00 އާ ހަމައަށް 185,709 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62.98 އިންސައްތައެވެ. ކިޔޫ ބަންދުކުރި އިރުވެސް ގިނަ ބަޔަކު ވޯޓުލުމަށް ކިޔޫގައި ތިބިކަން ފާހަގަކުރެވެއެވެ.
މި އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި ނަތީޖާތައް "ދިވެހީންގެ ނިންމުން" ނަމުގައި "އެމްއެމް" ގެ ވެބްސައިޓް އަދި ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދެމުންދާނެއެވެ

