އދ. މާމިގިލީ ފެހުރިހި ޔޫތު އެސޯސިއޭޝަންގެ ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގުދަނުގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔާ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 21:30 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މާމިގިލި ފަޔާ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، ގުދަނުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 22:13 ހާއިރުއެވެ. އަލިފާން ނިއްވާލެވުނު އިރު، ގުދަނުގެ ތެރޭގައި ހުރި ގިނަ ތަކެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ކަށަވަރުކޮށްދެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި މިހާތަނަށް ސާފެއް ނުވެއެވެ.

