އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި އިންތިހާބުގައި ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސްކަމާއި އަޣުލަބިއްޔަތު ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ.
މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ކައުންސިލްތަކުން ޕީއެންސީން ވަނީ 252 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 221 ގޮނޑިއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ 74 ގޮނޑި ކާމިޔާބުކޮށްފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައިވެސް ކުރިހޯދާފައިވަނީ ޕީއެންސީންނެވެ. އެގޮތުން އެ ޕާޓީން 167 ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީޕީއަށް މުޅި ރާއްޖެއިން ލިބުނީ 145 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި 49 ކެންޑިޑޭޓަކު ވަނީ ޑަބްލިއުޑީސީގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސްކަން ގިނައިން ކާމިޔާބުކުރީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. މިއާއެކު ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ ސަރުކާރު ހިންގާ ޕާޓީގެ އަތްދަށުގައެވެ.
މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުގައި، ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕާޓީގެ ތާއީދު ބޮޑުކަން ސާބިތުކޮށްދީފައެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

