އިންތިހާބެއްގައި ކޮންމެ ނަތީޖާއެއް ނުކުތުަސް، އެއީ ނިމުމެއް ނޫން ކަމަށާއި ނާކާމިޔާބީއަކީ ގަދަ އަޅައި މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށް ހައުސިން، ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާއި، އެއީ އެއްކޮޅަށް ދަތުރުކުރާ ނުވަތަ އަބަދު އެއްކޮޅަކަށް ވައިޖެހޭ މަގެއް ނޫން ކަމަށެވެ. ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ ކަމަށާއި، އަދި ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަން ވެސް ބުނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫނެވެ. ކާމިޔާބީ އަކީ އެކަމާމެދު ހިތްތިރި ކުރަންޖެހޭ ކަމެކެވެ. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއް ނޫނެވެ،” ވަޒީރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކީ އެންމެން އިޙްތިރާމް ކުރަންޖެހޭ ނިންމުމެއް ކަމަށާއި، ރައްޔިތުންގެ ޚިދުމަތުގައި އުޅޭ ކޮންމެ މީހަކީ ރައްޔިތުންގެ ނިންމުމުން ފިލާވަޅު ލިބިގަނެ، އަބުރުވެރިކަމާއެކު ހިތްވަރުކުރަން ޖެހޭ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚިދުމަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫން ކަމަށާއި، އެއީ ބައިބަޔަށް ލިޔެވެމުންދާ އެއްޗެއް ކަމަށެވެ. އަދި ޚިދުމަތްކުރުމުގައި ސާފު މަޤްޞަދެއް އޮތް މީހަކު ތާރީޚުގެ ސަފްޙާތަކުގެ ތެރެއިން ނުގެއްލޭނެ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ޕޯސްޓް ނިންމަވާލައްވާފައެވެ.

