ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ.
އެމްއޭސީއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާރިޗު މަހުގެ 15 އިން 31 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 178 ޕްރައިވެޓް ޖެޓް ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 134 ޖެޓާ އަޅާބަލާއިރު 32.8 އިންސައްތައިގެ ކުރިއެރުމެކެވެ.
މާރިޗު މަހުގެ ފަހު 16 ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 10 އަށްވުރެ ގިނަ ޖެޓު ރާއްޖެއަށް އައިސްފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ. މީގެ ތެރެއިން އެންމެ ގިނަ ޖެޓު ރާއްޖެއަށް އައިސްފައިވަނީ މާރިޗު 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 17 ޖެޓު ރާއްޖެއަށް އައިސްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ މަދުން ޖެޓު އައިސްފައިވަނީ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 5 ޖެޓެވެ. ނަމަވެސް މުޅި މާރިޗު މަހަށް ބަލާއިރު، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ ކުރީ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުވަމުންދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މަތީ ފަންތީގެ މާކެޓަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި ބެލެވެއެވެ.

