ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ޚާއްޞަކޮށް ށ. އަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ކޮމަންޑޫ މޫސާ ރަމީޒް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މޫސާ ރަމީޒަކީ ރާއްޖޭގެ އިދާރީ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ށ. އަތޮޅުގެ އަތޮޅުވެރިކަމުގެ އިތުރުން ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. އަދި ށ. އަތޮޅުގެ އެކި މަގާމުތަކުގައި ހުންނަވައިގެން އެ އަތޮޅުގެ ތަރައްޤީއަށް ގިނަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.
ސިޔާސީ ދާއިރާގައިވެސް މޫސާ ރަމީޒަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ރާއްޖޭގެ އިޞްލާޙީ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މޫސާ ރަމީޒް ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށާއި ށ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ވަނީ ރައްދުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް މޫސާ ރަމީޒަށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

