ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިންތިހާބުގައި ށ. ނަރުދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި އެ ރަށު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަރުސިދު އެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރީ ވޯޓްގެ 66.8 އިންސައްތަ ހޯދައިގެންނެވެ.
ނަރުދޫ ކައުންސިލުން ހުސްވެފައިވާ އަނެއް ދެ ގޮނޑީގެ ތެރެއިން އަންހެނުންނަށް ޚާއްސަ ގޮނޑި ލިބުނީ ކޮންގްރެސްގެ އާމިނަތު ޒިރާނާ ކާމިޔާބުކުރިއިރު، ކައުންސިލްގެ އާންމު މެންބަރުގެ ގޮނޑި ކާމިޔާބުކުރީ އެ ޕާޓީގެ އަހްމަދު މާހިރު އެވެ. މި ތިން މަޤާމަށްވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރިއެވެ.
ކައުންސިލްގެ އިތުރުން ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރީ ކޮންގްރެސް ޕާޓީންނެވެ. އެގޮތުން ކޮމިޓީގެ ރައީސާގެ މަގާމަށް ޢައިޝަތު ނަހުމާ އިންތިޚާބުވީއިރު، މެންބަރު ކަމަށް އިންތިޚާބުވީ އައިޝަތު އިކުލީލާ އާއި ފާތިމަތު ރިޝްފާ އެވެ.
މިއީ ނަރުދޫގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެއްވެސް އިންތިޚާބެއްގައި ހުރިހާ ގޮނޑިއެއް އެއް ޕާޓީއަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

