ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އއ. އުކުޅަހުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުވުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުލަގަދަ ހަފްލާއަކާއެކު ރޭ ފާހަގަކޮށްފިއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ރޭ އުކުޅަހުގައި ބޭއްވި ހަފްލާގައި ހަވާ އެރުވުމުގެ އިތުރުން، އެ ރަށުގެ ޕީއެންސީ މެންބަރުންނަށް ބޮޑު ޖާފަތެއް ވަނީ ދީފައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ކައުންސިލަށާއި އަންހެނުންގެ ކޮމިޓީއަށް އަލަށް އިންތިހާބުވި މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކައުންސިލް އިންތިހާބުގައި އެންމެ ވާދަވެރިވި ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު އަލީ ވަހީދު ކާމިޔާބު ކުރެއްވީ 380 ވޯޓާއެކުގައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ޓިކެޓުގައި ހަތަރު ވަނަ ދައުރަކަށް ކުރިމަތިލެއްވި ޝައުކަތަށް ލިބިވަޑައިގަތީ 307 ވޯޓެވެ. މީގެ އިތުރުން ކައުންސިލް މެންބަރު ކަމަށް ޕީއެންސީގެ މުހައްމަދު ޝަފްރާޒް އިންތިހާބުވީ 390 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ މުހައްމަދު ހުސްނީއަށް ލިބުނީ 282 ވޯޓެވެ.
ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެ ގޮނޑިއަށް އިންތިހާބުވި އައިމިނަތު ޒޫނާ އަށް 347 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ފާތުމަތު ރަނިއްޔާ އަށް ލިބުނީ 325 ވޯޓެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކަށް 362 ވޯޓާއެކު އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ސަޖިއްޔާ ސާޖިދު ސައީދު އެވެ. އެމްޑީޕީގެ ޒަހުރާ އާމިރަށް ލިބުނީ 310 ވޯޓެވެ. އަދި އެ ކޮމިޓީގެ މެންބަރު ކަމަށް ޕީއެންސީގެ ބަސީރާ އަހުމަދު (375 ވޯޓު) އަދި އެމްޑީޕީގެ ޝަޖުނާ މުހައްމަދު (340 ވޯޓު) ވަނީ އިންތިހާބުވެފައެވެ.
އުކުޅަހަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން އެމްޑީޕީއަށް އަބަދުވެސް ބޮޑު ތާއީދެއް އޮންނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށަކަށްވެފައި އޮންނަ އުކުޅަހުން ޕީއެންސީން ހޯދި މި ކާމިޔާބީއަކީ އެ ޕާޓީއަށް ލިބުނު ސިޔާސީ ބޮޑު ކުރިއެރުމެކެވެ.

