މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ހައްޖުވެރިން، އަންނަ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު މަތިންދާބޯޓެއްގައެވެ. މީގެ ތެރޭގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކާއި ސައުދިއާ އެއާލައިންގެ ފްލައިޓްތައް ހިމެނެއެވެ.
ހައްޖުވެރިން ގޮވައިގެން ފުރާ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މެއި 15 ގައެވެ. ސައުދިއާގެ މި ފްލައިޓުންދާ ހައްޖުވެރިން އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. ދެވަނަ ފްލައިޓް މެއި 17 ގައި މޯލްޑިވިއަންގައި ފުރާއިރު، އެ ގްރޫޕް އެނބުރި އަންނާނީ ޖޫން 7 ގައެވެ.
މީގެ އިތުރުން ތިންވަނަ ފްލައިޓް މެއި 18 ގައި ސައުދިއާގައި ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓުންދާ މީހުން އެނބުރި އަންނާނީ ޖޫން 8 ގައެވެ. އަދި ހައްޖުވެރިންގެ ފަހު ފްލައިޓް މެއި 19 ގައި މޯލްޑިވިއަންގައި ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ފްލައިޓުންދާ ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން 9 ވަނަ ދުވަހުއެވެ.
ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ހައްޖު އަޅުކަމަށް ދިއުމަށް 1,000 ކޯޓާ ދޫކުރެއެވެ. މިއަހަރުގެ ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ހައްޖު ކޯޕަރޭޝަނުން މިހާރު ދަނީ ވަމުންނެވެ.

