މަރުހޫމު މޫސާ ރަމީޒުގެ ތައުޒިޔާގެ ދަފުތަރެއް މާދަމާއިން ފެށިގެން ހުޅުވާލަނީ
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް މާދަމާއިން ފެށިގެން ހުޅުވާލަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާއާއި ޚާއްޞަ މަޖިލިސްގެ އިތުރުން، ތަފާތު އެކި މަޤާމުތަކުގައި މުހިންމު، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށާއި، އޭނާއަކީ މުވައްޒަފުންނާއި ވެރިންގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. މޫސާ ރަމީޒު ވަނީ ދައުލަތުގެ އެކި ފަންތީގެ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ތައުޒިޔާގެ ދަފުތަރާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި ދަފުތަރު އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ވުޒާރާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. މި ދަފުތަރުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އާ ހަމައަށެވެ.
އަތޮޅުތައް ހިންގުމުގެ ދާއިރާއާއި، އެކި ރޮނގުރޮނގުން ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

