ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކަށަވަރުކޮށްފި އެވެ. މި ގޮނޑި އެ ޕާޓީން ކާމިޔާބުކުރީ ވާދަވެރި އިންތިހާބަކަށް ފަހުގައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ހުޅުމާލެ މެދު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަހުމަދު ސަނީޙް އެވެ.
ނަތީޖާ ދައްކާގޮތުން ސަނީޙް ވަނީ އެ ދާއިރާއިން ޖުމްލަ 912 ވޯޓު ހޯއްދަވާފަ އެވެ. ސަނީޙާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 903 ވޯޓެވެ. މީގެ އިތުރުން އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިފައިވަނީ 188 ވޯޓެވެ.
މި އިންތިހާބުގައި މާލެ ހިމެނޭހެން ބައެއް ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް، ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލުތަކުގެ އަޣުލަބިއްޔަތު އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ. ހުޅުމާލެ މެދު ދާއިރާގެ މި ކާމިޔާބީއަކީ ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

