ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، ހ. ޔެލޯރޯޒް 2، މުޙައްމަދު ނަޖާޙް ވަނީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގެ އިތުރުން އެ ކޯޕަރޭޝަނުގެ ބޯޑު މެންބަރުކަމުން ވެސް މިއަދުން ފެށިގެން ވަކިކުރައްވާފައެވެ.
ނަޖާޙް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކުރައްވާފައެއް ނުވެއެވެ.
މުޙައްމަދު ނަޖާޙަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތަޢުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

