ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1,940 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަތީ މާލޭ ކޮމާޝަލް ހާބަރަށް އައި ބޯޓަކުން ގެނައި ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި 1,940 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރުމާއި އެތެރެކުރުން ސަރުކާރުން މަނާކުރި ފަހުން، މިހާތަނަށް ޖުމްލަ 70,000 އަށްވުރެ ގިނަ ވޭޕާއި އޭގެ ސާމާނު ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އޭގެ ބައިތައް ރާއްޖެ އެތެރެކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމުގެ އިތުރުން ހިލޭ ބެހުމަކީ ވެސް މަނާ ކަމެކެވެ. ކަސްޓަމްސް އިން ބުނީ މިހާރު އަތުލައިގަނެވުނު ވޭޕް ކާޓްރިޖްތަކުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ހުއްޓުވައި، ދިވެހި މުޖުތަމައަކީ އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކަސްޓަމްސް އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

