މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ސެގްމެންޓް ފަހެއްގެ 143 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކީވޯލް ޖެހުމުގެ އަމަލީ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން، އެންކަރު ބްލޮކްތައް ހަރުކުރުމާއި، ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާއިރު، ޖުމްލަ 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި ތާރު އެޅުމާއި، ހިނގާ މީހުންނަށް ޚާއްޞަ ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމު ހަރުކުރުން ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓުގެ ދަށުން ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު އޮތް ސަރަޙައްދު ހަތަރު ލޭނަށް ފުޅާކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހުޅުވާފައެވެ. އަދި ދެވަނަ ސެގްމެންޓުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ކުރި މަސައްކަތް ނިމި، އެ ސަރަޙައްދު ހުޅުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢު އެއްކޮށް ނިމުމުން، މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގަކީ ޓްރަފިކަށް ލުއިފަސޭހަ، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ، އަދި ދުއްވާ ތަކެއްޗާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ހިތްފަސޭހަ ޒަމާނީ މަގަކަށް ވެގެންދާނެއެވެ.

