ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީއަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މަދީނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފައިބާވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ މަދީނާގެ ގަވަރުނަރު، ޕްރިންސް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އާއި ރޯޔަލް ޕްރޮޓޮކޯލްގެ ޑިރެކްޓަރު އިބްރާހީމް ބާރީއެވެ.
މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ މެހުމާންދާރީގައި ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ސަރުކާރުންނެވެ. މި ދަތުރުފުޅާ ގުޅޭ އެންމެހާ ކަންކަން ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައެވެ.
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

