މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު މުރާޖައާކުރުމަށްފަހު، އަލުން ކުރީގެ އަގުގައި ވިއްކަން އެ ކުންފުނިން މިރޭ ނިންމައިފިއެވެ.
މިފްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އަގުތަކަށް އައި ބަދަލު
މި ނިންމުމާ އެކު، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް ލިބޭނެއެވެ. އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް ވެސް މިފްކޯ އިން ބުނެފައިވެއެވެ.
މިފްކޯއިން އިތުރަށް ބުނި ގޮތުގައި، އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. މިއަދު އަގަށް ގެނައި ބަދަލާއެކު އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ކުންފުނިން މިވަނީ އަވަސް ފިޔަވަޅެއް އަޅައި އަގުތައް ކުރީގެ މިންވަރަށް ތިރިކޮށްފައެވެ.

