އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސެއިން ދީދީ މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ވެސް ގދ. ތިނަދޫ، ބްލެކްސްމިތު، ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ހުސެއިން ދީދީ އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭނާ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ މަޤުޞަދުގައި 2020 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެގްރޯނެޓަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވާފައެވެ.
މި ބަދަލުގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަކީ ވެސް މި ބަދަލުގެ މުހިންމު ބޭނުމެކެވެ.

