މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމުން ވަކިވުމަށް ރިޝްވާން މިއަދު ވަނީ ހުށަހަޅުއްވާފައެވެ. އެހެންކަމުން ޕީސީބީން ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށް، މަގާމުން ވަކިކޮށްފައެވެ.
ރިޝްވާން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މުހައްމަދު ރިޝްވާނަކީ މީގެ ކުރިން ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ ވެސް މަގާމުން ވަކިކޮށްފައެވެ.

