ތ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ 23 ދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މި ބޮޑު މަސައްކަތް ކުރުމަށް ބޭނުންކޮށްފައިވަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ފިލިއްޕޯ ބްރޫނެލެސްކީ" ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ ދަށުން 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 113.19 މިލިއަން ރުފިޔާ އެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާ އަވަހަށް ނިންމާލުމަކީ ރަށުގެ ތަރައްގީގެ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަކީ ވެސް ސަރުކާރުން އެ ރަށުގެ ތަރައްގީއަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކެކެވެ.

