2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް ކްރިއޭޓަރ ސަމިޓް" އަދި "ވޯލްޑް ކްރިއޭޓަރ އެވޯޑްސް" އާއެކު، ދުނިޔޭގެ ކްރިއޭޓަރ އިކޮނޮމީގެ މަރުކަޒަކަށް ރާއްޖެ ވުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއީ ވިޒިޓް މޯލްޑިވްސް އާއި ވޯލްޑް ޓްރެވަލް އެވޯޑްސް ގުޅިގެން، ކްރިއޭޓޯލް ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށްގެންދާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ހަރަކާތެކެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ފުންނާބުއުސް ކްރިއޭޓަރުންނާއި، ބްރޭންޑްތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އެއްތަނަކުން ބައްދަލުވެ، މަންޒިލްތަކުގެ ވާހަކަ ކިޔައިދިނުމާއި ކޮންޓެންޓް އުފެއްދުމުގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މި ޕްރޮގްރާމްގެ ތެރޭގައި ހާއްސަ ސަމިޓެއްގެ އިތުރުން، ކްރިއޭޓަރުންގެ އުފެއްދުންތެރިކަމާއި ނުފޫޒު ފާހަގަކުރުމަށް ބާއްވާ އެވޯޑް ހަފްލާއަކާއި، ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކުރިއަށްދާ ހާއްސަ ތަޖުރިބާތައް ހިމެނެއެވެ.
މި ހަރަކާތް ބޭއްވުމަށްޓަކައި ވިޒިޓް މޯލްޑިވްސް އާއި ވޯލްޑް ޓްރެވަލް އެވޯޑްސް އާ ދެމެދު ވަނީ އިސްތިރާތީޖީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އިބްރާހީމް ޝިއުރީ ވިދާޅުވި ގޮތުގައި، "މި ހަރަކާތުގެ ސަބަބުން މަންޒިލްތައް މާކެޓްކުރުމުގައި ކްރިއޭޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ."
މި ޕްރޮގްރާމްގައި ބައިވެރިވާނީ ދައުވަތު އެރުވޭ ހާއްސަ 50 ފަރާތެކެވެ. މީގެ ސަބަބުން އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. 2 އޭޕްރިލް 2026 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، ޕަބްލިޝަރުން އަދި ޕްލެޓްފޯމްތަކަށް ހާއްސަ މާހައުލެއް ރާއްޖޭގައި ގާއިމުކުރެވޭނެއެވެ.
މި ހަރަކާތުގެ ތެރެއިން ބޭއްވޭ "ވޯލްޑް ކްރިއޭޓަރ އެވޯޑްސް" އަކީ ޑިޖިޓަލް ނުފޫޒާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑެކެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންޓެންޓް އުފެއްދުމުގެ ހާއްސަ ތަޖުރިބާތަކެއް ބައިވެރިންނަށް ފޯރުކޮށްދީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަޝްވަރާތަކުގެ މަރުކަޒަކަށް ހެދުމަށް މި ހަރަކާތުން މަގުފަހިވެގެންދާނެއެވެ.

