އުރީދޫ ފިންޓެކް މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން އެމްފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް އަނބުރާ ލިބޭނެއެވެ. މި ހިދުމަތް ލިބޭނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް (FSM) އާއި ހޯކްސްގެ ތެޔޮ ވިއްކާ ޝެޑުތަކުންނެވެ.
އުރީދޫން ބުނީ މި ދުވަސްވަރު ތެލުގެ އަގު އުފުލެމުން ދާއިރު، މި ޕްރޮމޯޝަން ތައާރަފްކުރީ ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. އެގޮތުން 50 ރުފިޔާގެ ޕެޓްރޯލް އެޅުމުން އިތުރު ލީޓަރެއްގެ އަގު އެމްފައިސާ ވޮލެޓަށް އަނބުރާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އުރީދޫ ފިންޓެކްގެ ސީއީއޯ ހުސެއިން ނިޔާޒް ވިދާޅުވީ “އެމްފައިސާ މެދުވެރިކޮށް އުރީދޫ ފިންޓެކުން ފޯރުކޮށްދެނީ ޒަރޫރީ ހަރަދުތަކުން ފައިސާ ސަލާމަތް ކުރެވޭނެ ފަސޭހަ ޑިޖިޓަލް ހައްލެއް” ކަމަށެވެ. އަދި މިއީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ފައިދާހުރި ހިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްފައިސާގެ ހިދުމަތް ބޭނުންކުރުމަށްޓަކައި އުރީދޫ ސުޕައެޕް ނުވަތަ އެމްފައިސާގެ ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ދިވެހިން އައިޑީކާޑުގެ ދެ ފަރާތުގެ ފޮޓޯ ހުށަހަޅަންޖެހޭއިރު، ބިދޭސީން ޕާސްޕޯޓާއި ވޯކްޕާމިޓް ހުށަހަޅަންޖެހެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް އެމްފައިސާ ވޮލެޓަށް ހާއްސަ ޕިން ނަމްބަރެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

