ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:30 އެހާކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
“އެ ރިޕޯޓާ ގުޅިގެން، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި،” ފުލުހުން ވިދާޅުވިއެވެ.
މޫދު އަޑީގައި އޮއްވާ ފެނުނު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

