މާލޭގެ މަގެއްގެ މަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގެ ހެންވޭރު އަވަށުގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެމީހާ ފެނުމާއެކު ވަނީ ފަރުވާއަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެމީހާ މަރުވެފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މަރުވި މީހަކީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވެސް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން އިތުރަށް ވިދާޅުވީ، “މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ” ކަމަށެވެ. މިއީ ގުދުރަތީ މަރެއް ކަމަށް މިހާތަނަށް ބެލެވުނު ނަމަވެސް، މަރުގެ ސަބަބު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

