ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް، ގޭސް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިއްޖެއެވެ. މި ޝިޕްމަންޓް ރާއްޖެއަށް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ކައްކާ ގޭހުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިކަމާ ގުޅޭގޮތުން އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހަށް އައު ޝިޕްމަންޓެއް ލިބުމާއެކު ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އަދި މިކަމުގައި ހާއްސަ އިސްކަމެއްދީގެން ކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ބައެއް ފަހަރު ލިމިޓް ކޮށްގެން ގޭސް ވިއްކި ނަމަވެސް، ސްޓޮކް އިޔާދަވުމުން އާންމު ހާލަތުގައި ގޭސް ވިއްކުމުގެ މަސައްކަތް މޯލްޑިވްސް ގޭސްއިން ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެދާނެ ގޭހުގެ ދަތިކަމަކުން އަރައިގަތުމަށްޓަކައި ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާކުރެވޭނެ ސްޓޮރޭޖު ފެސިލީޓީއެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

