މާލޭގެ މަގުތަކުގައި އަލަށް ހަރުކުރި ބޯޑުތަކުގައި މަގުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުރުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މާލެ ސިޓީ ކައުންސިލަށް އަމާޒުވެއްޖެ އެވެ. ގިނަ މަގުތަކެއްގައި ހަރުކޮށްފައިވާ މި ނަން ބޯޑުތަކުގައި ތާނަ އަކުރުންނާއި ލެޓިން އަކުރުން ވެސް ލިޔުންތައް ހުރީ ކުށްކޮށެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު، “ލޮނުޒިޔާރަތް މަގު” ގައި ހަރުކޮށްފައިވާ ބޯޑުގައި ލިޔެފައިވަނީ “ލޮނުޒިޔާރައިމަގު” މިހެންނެވެ. އަދި “މާފަތްތަކުރުފާނުމަގު” ޖަހަން ޖެހޭ ބޯޑުގައި ލިޔެފައި އޮތީ “މާފައިތަކުރުފާނުމަގު” މިހެންނެވެ. މިފަދަ ބޮޑެތި ކުށްތަކާއެކު ބޯޑުތައް ހަރުކުރުމުން ގިނަ ބަޔަކު ދަނީ މޭޔަރު އާދަމް އާޒިމާއި ސިޓީ ކައުންސިލްގެ އިހުމާލު އޮތް ކަމަށް ބުނަމުންނެވެ.
މިކަމާ ގުޅިގެން އެމްކިއުއޭގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާން ވަނީ މިއީ “ދިވެހި ބަހަށް ކުރަފިއެރުވުމުގެ” ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރުން މިހާރަށް މި ބޯޑުތައް ނަގަން ޖެހޭ ކަމަށާއި، ސިޓީ ކައުންސިލްގައި ތަންދޮރު ދަންނަ ބަޔަކު ނޫޅެނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ. ބަހުގެ ތަޖުރިބާކާރު އިމާދު ލަތީފްގެ އިތުރުން އެތައް ބަޔަކު ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ބޮޑު އަގު ދީފައި މިފަދަ މަސައްކަތްތައް ހަވާލުކުރާއިރު، މަސައްކަތް ނިމުމުން އެކަންކަން ބަލައިނުލައި ބޯޑުތައް ހަރުކުރުމަކީ ކައުންސިލްގެ ޒިންމާދާރުކަން ކުޑަކަމެވެ. ބައެއް މީހުން ވަނީ މިއީ ގަސްތުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް، ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފަ އެވެ. އަދި މި ކުށްތައް އިސްލާހު ކުރަން އަނެއްކާވެސް އިތުރު ހަރަދެއް ކުރަން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އާންމުން ބުނެއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ބަހެއް ހޯދުމަށް “ހުވަދޫމީޑިއާ” އިން ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި ސިޓީކައުންސިލުގެ ވެސް ވަކިޖަވާބެއް ނުލިބުނެވެ.
ދިވެހިބަހުގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފުވުމާއި، ބަހުގެ އަސްލު ގެއްލޭފަދަ ކަންކަން ލިޔުންތަކުން ފެނުން މިހާރު ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް، އާންމު ތަންތަނުގައި ބޭނުންކުރާ ނަންތައް ބަހުގެ ހަމަތަކުން ބޭރުވެފައި ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެންކަމުން، މިފަދަ ކަންކަން އިސްލާހުކުރުމަށް އިސްނެގުމަކީ އަދި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ފަރުދީ ޒިންމާއެކެވެ.

