ޖެނީވާގައި ހުންނަވާ އދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، އަލުން އެ މަގާމު އޭނާއަށް ދީފިއެވެ.
ޑރ. ސަލްމާ މަގާމުން ވަކިކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. ސަރުކާރުން މި ފިޔަވަޅު އެޅީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން، ސަލްމާގެ ދައްތަ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މީހަކާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް މީސްމީޑިއާގައި ލީކުވި މައްސަލައަކާ ގުޅިގެންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ޑރ. ސަލްމާގެ މަގާމު މިހާރު ވަނީ އަލުން އިޔާދަކޮށްދީފައެވެ.
ސަލްމާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް މި މަހުގެ ހަވަނަ ދުވަހު މަގާމުން ވަކިކުރިއެވެ. މުންދުއަކީ އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.
މުންދު އާއި ސަލްމާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުރީކޮޅު ސަފީރުކަމުގެ މަގާމުތަކަށް އައްޔަނުކުރެއްވި ދެ ބޭފުޅުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަށް މި އިންތިހާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

