ރާއްޖޭގައި އަލަށް ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް ދައުލަތަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، މި ޚިދުމަތަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެމުންދާ ކާމިޔާބު މަސައްކަތެއް ކަމަށެވެ. އެގޮތުން، ޚިދުމަތް ފެށިގެން މިހާތަނަށް 730 މިލިޔަން ރުފިޔާ ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެމުންދާ ޚިދުމަތެކެވެ.
ބަންކަރިން ޚިދުމަތުން ލިބޭ އާމްދަނީ މަހުން މަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި “ލޯ ސަލްފަރ އޮއިލް” އިން ކަމަށެވެ. މި ޚިދުމަތް ދިނުމުގައި ސަރުކާރުން ބައިވެރިވަނީ ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.
ސަރުކާރުގެ އަމާޒަކީ ބަންކަރިން ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ ޖީޑީޕީއަށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރު އިތުރުކުރުމެވެ. މި މަސައްކަތް އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އިގްތިސާދީ ވަޒީރު ވިދާޅުވިއެވެ.

