މިއަހަރުގެ ޙައްޖު މޫސުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަކާއި އިންތިޒާމުތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފުރިހަމަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ޙައްޖުވެރިންގެ ވިސާގެ ކަންކަމާއި، މައްކާގައި ޙައްޖުވެރިން ތިބޭނެ ހޮޓާ މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުން ހިމެނެއެވެ.
ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ އަހަރު ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ. އެގޮތުން މިނާގައި ޙައްޖުވެރިން ބޭނުންކުރާ ފާހަނާތަކުގެ އަދަދު 4 ނުވަތަ 5 ގުނަ އިތުރުކުރުމަށް ސައުދީ ސަރުކާރާއެކު އެއްބަސްވެވިފައިވާ ކަމަށާއި، މި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖު ދަތުރުތަކުގެ ތާވަލަށް ބަލާއިރު، ޙައްޖު މިޝަންގެ އެޑްވާންސް ޓީމް މެއި މަހުގެ 4 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ މޯލްޑިވިއަން އަދި ސައުދިއާ އެއާލައިންގެ ފްލައިޓްތަކެވެ. މީގެއިތުރުން މަދީނާގެ ދަތުރުތައް ހައިސްޕީޑް ޓްރެއިންގައި ކުރިއަށްދާއިރު، ޙައްޖުވެރިން އެނބުރި ރާއްޖެ އަންނާނީވެސް މަދީނާ މަގުންނެވެ.
މިއަހަރުގެ ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނީޝީއޭޓިވް" ގެ ދަށުން ޚިދުމަތްތައް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވެރިންނަށް ބޭނުންވާ "ނުސުކް ޙައްޖު ކާޑު" ލިބޭނެ އިންތިޒާމުތައްވެސް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ޙައްޖުވެރިންނަށް ބޭނުންވާ ދީނީ މަޢުލޫމާތާއި، ސިއްޙީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ. ޝަކީލް ވިދާޅުވީ އަމާޒަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

