ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްޤީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަޢްމަދު މުޢިއްޒަށާއި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވެއްޖެއެވެ. ސަޢުދު މިހެން ވިދާޅުވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސައުދު ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައެވެ. ސަޢުދު ވިދާޅުވީ ތިނަދޫއަށް ތަރައްޤީ ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެ ތަރައްޤީ ގެނެސްދިނުމަށް ބޭނުންވާ އެއްބާރުލުން އެ ސިޓީގެ ކައުންސިލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ.
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ހިންގާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވަމުން ސަޢުދު ވިދާޅުވީ، “ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިޢްޒަށް އަރުވަން” ކަމަށެވެ.
މީގެ އިތުރުން، ތިނަދޫގެ މޭޔަރު ވަނީ މިހާރުވެސް ސަރުކާރުން އެ ރަށުގައި ގިނަ ކަންތައްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމަކީ ރަށުގެ ކުރިއެރުމަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފް ވަނީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

