މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދުކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
މި އެންގުން އަންގާފައިވަނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
ޕީސީބީން މިއަދު ސަރުކާރު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައިވަނީ ހަރަދުކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ މުހިންމު 12 ފިޔަވަޅެއް ބަޔާންކޮށްފައެވެ. މީގެ ކުރިން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެ ބޯޑުން ވަނީ ކުންފުނިތަކަށް އިރުޝާދު ދީފައެވެ.
ޕީސީބީން، ސަރުކާރު ކުންފުނިތަކަށް އެންގި ކަންތައްތައް:
- މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން
- ރަސްމީގަޑީގައި މަސއްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުން. ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުން
- ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުން. އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން
- މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުން
- ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީން ކުރުމުގެ ފިޔަވަޅުތައް އެޅުން
- މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އަޅަން ސަމާލުކަން ދިނުން
- ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުން
- ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުން
- ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާ ވެސް ބޮޑަށް ކުޑަކުރުން
- ރާއްޖެ އިން ބޭރަށް ކުރާ ތަމްރީނު ދަތުރުތައް ހުއްޓާލައި، އޮންލައިންކޮށް އެ ތަމްރީނުތަކުގައި ބައިވެރިވުން
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީތަކުގައި ކުންފުނިތަކުގެ މުވައްޒަފުން ދަތުރުކުރުން
- ކުންފުނިތައް ހިންގަން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުން
ޕީސީބީން އިތުރަށް ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުންވެސް ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަކީ މި ދަނޑިވަޅުގައި އިގްތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެ ބޯޑުން ފާހަގަކުރެއެވެ.

