މުދާތައް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެދުން
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓު ލ. އޮޅުވެލި ކައިރިއަށް އަޑިއަށް ދިއުމާ ގުޅިގެން، ބޯޓުގައި ހުރި ގިނަ އަދަދެއްގެ މުދާތައް މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިފައިވާ ދިވެހި މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހުއްޓުމެއް ނެތި މިހާރު ދަނީ ކުރަމުންނެވެ. ބޯޓު އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި 13 މީހުންގެ ތެރެއިން 12 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ. އަދި އޮޔާދާ މުދަލުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ސަރަހައްދުން ދަތުރުކުރާއިރު މޫސުމަށާއި ކަނޑުގެ ހާލަތަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

