މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައި އޮތް ޤަޠަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. މިއަދުން ފެށިގެން އެ އެއާލައިނުގެ ދަތުރުތައް އަލުން ރާއްޖެއަށް ވަނީ ފަށާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި، ޤަޠަރު އެއާވޭސްއިން މިއަދު ދަތުރުތައް ފަށާފައިވާއިރު، މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ އެއާލައިނުން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރުތައް ބާއްވާނެއެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއް އެއާލައިން ކަމަށްވުމުން، މި ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޤަޠަރު އެއާވޭސްއިން ޤަބޫލުކުރާ ގޮތުގައި މި ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އޮތް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެއެވެ. އަދި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް، އެއްވެސް ދަތިކަމެއް ނެތި ދަތުރުގެ ތާރީޚު ބަދަލުކުރުމުގެ ފުރުސަތު ދޭނެ ކަމަށްވެސް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ.
މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް ކެޕޭސިޓީ އާއި ސީޓް އޮކިއުޕެންސީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުވާލެއްގެ މައްޗަށް ކެންސަލްވާ ފްލައިޓުތަކުގެ އަދަދުވެސް މިހާރު ވަނީ 20 އިން 16 އަށް ދަށްވެފައެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަލުން އިއާދަވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

