މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ފަރަށް އެރި “އުދަރެސް” ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިފައިވަނީ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ މިއަދު ހެނދުނު 10:15 އެހާކަށްހާއިރު އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، އެ މީހާ މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
އުދަރެސް ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:25 ހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ޖުމްލަ 13 މީހުން ތިބި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ކުރިން ވަނީ ސަލާމަތްކޮށްފައެވެ. އެގޮތުން އެއް ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާއިރު، އިތުރު 11 މީހަކު ވަނީ ރިސޯޓެއްގެ ދޯންޏަކަށް ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި ކުރިން ސަލާމަތްވި 12 މީހުންގެ ހާލުވެސް ރަނގަޅެވެ.
މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

