ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުގެ ތެރޭގައި އެމްއާރްއައި (MRI) ގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަޝްރަފް ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، އެމްއާރްއައިގެ ޚިދުމަތް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އެމްއާރްއައި މެޝިން ބެހެއްޓުމަށް ހަވާލުކުރެވުނު ކުންފުނިން މިހާރު ވަނީ ތިނަދޫއަށް ޒިޔާރަތްކޮށް، އެކަމަށް ޚާއްސަ ސައިޓް ބަލައި ދިރާސާކޮށްފައެވެ. އަދި އެ ސައިޓް ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކުރުމުގެ ލިޔުންތައް ވެސް މިހާރު ވަނީ ފޮނުވާފައެވެ.
ޚިދުމަތް ފެށޭނެ ތާރީޚާ ގުޅޭގޮތުން ސީއީއޯ އަޝްރަފް ވިދާޅުވީ، “އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބީ މިއަހަރުގެ ފަހުކުއާޓަރގައި އެމްއާރްއައިގެ ޚިދުމަތް ތިނަދޫގަ ފެށިގެންދާނެކަމަށް” ކަމަށެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުގައި ހައިޕަރބެރިކް ޗެމްބަރއެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، އެ ޚިދުމަތް އެމްއާރްއައިއަށް ވުރެ ވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ، 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެމްއާރްއައި އަދި ހައިޕަރބެރިކް ޗެމްބަރުގެ ޚިދުމަތް ފުރިހަމައަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޮތް ނަމަވެސް، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ދެ ޚިދުމަތް ވެސް އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، ޒަމާނީ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

