ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ފެތުރި، އެ ރަށުގެ އައިސް ޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާނުގެ ސަބަބުންނެވެ. އަލިފާންގަނޑު ފެތުރިގެން ގޮސް ބޯޓާ ޖެހިގެން ހުރި ތިން ދޯންޏެއްގައި ރޯވުމުގެ އިތުރުން، ބޯޓާ 15 ވަރަކަށް ފޫޓު ދުރުގައި ހުރި އައިސް ޕްލާންޓާއި ކައިރީގައި ހުރި ޕެޓްރޯލް ޝެޑަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ. މި ހާދިސާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލާފައިވަނީ 10:35 ހާއިރުއެވެ.
މި ހާދިސާގައި ބޯޓުގައި ހުރި ބިދޭސީއަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ބޯޓުގައި އަލިފާން ރޯވުމާއެކު އޭގައި ތިބި ދެ މީހުންވެސް ވަނީ މޫދަށް ފުންމާލާފައެވެ. “ފިހުނު މީހާ ފުދޭ ވަރަކަށް ފިހިފައި އޮތީ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެނީ. އަދި އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން” ކަމަށް އޭނާ ބުންޏެވެ. ފިހުނު ބިދޭސީ މީހާއަށް މިހާރު ދަނީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނދައި ހުލިވި އައިސް ޕްލާންޓަކީ 25 މެޓްރިކް ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ތަނެކެވެ. މިއީ ފެނަކައިން މިފްކޯއާ ހަވާލުކުރުމުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮޕަރޭޝަނަށް ގެނެސް ހިދުމަތް ދެމުން އައި ތަނެކެވެ. މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ސަބަބުން އައިސް ޕްލާންޓް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް މިފްކޯއާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ހިންގަމުންނެވެ.

