ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް ހަތަރެއްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުރިން އޮތް އެއްގަމު ތޮށި ތަޅާލާ ނެގުމުގެ މަސައްކަތެވެ. މީގެ އިތުރުން، މަގު ފުޅާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދާ ހަމައަށް ޝީޓްޕައިލްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު އޮތް މަގަށްވުރެ 6 މީޓަރު އިތުރަށް މަގު ފުޅާކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ސެގްމެންޓް ފަހެއްގެ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން ބިން ހިއްކުމާއި، ސެޓްލްމަންޓް ޓޭންކް އިންސްޓޯލްކުރުމުގެ އިތުރުން އެންކަރ އިންސްޓޯލްމަންޓާއި ކޭބަލް ޓްރެންޗްގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ތިންވަނަ ފޭސްގެ މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއްގައެވެ. މުޅި މަޝްރޫޢުގެ ދަށުން 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެގްމެންޓްތައްވެސް ތަރައްޤީކުރަނީ ކުރިން ނިމުނު ދެ ސެގްމެންޓާ އެއް ފަރުމާއަކަށް، މަގުގެ ޖާގަ ބޮޑުވާނެހެންނެވެ.
މި މަޝްރޫޢު ނިމޭއިރު، މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅައި، ފެން ހިންދާ ނިޒާމު ޤާއިމްކުރެވޭނެއެވެ. އަދި ހިނގާ މީހުންނަށް ޚާއްޞަ ޕޭވްމަންޓްތައް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކޮށް ނިންމާފައެވެ.

