ރާއްޖެއިން ޙައްޖަށް ފުރާ މީހުންގެ ދަތުރުފަތުރުގެ ކަންކަން މިއަހަރުވެސް ހަމަޖައްސާނީ ސަޢޫދީ ޢަރަބިއްޔާގެ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ދަށުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުތަކާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސަޢޫދީ ސަރުކާރުން 2019 ވަނަ އަހަރު ތަޢާރަފުކުރި ސިޔާސަތެކެވެ. ރާއްޖޭގެ ޙައްޖުވެރިންނަށް މި ޚިދުމަތް ފުރަތަމަ ފަހަރަށް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގައެވެ. މި ޚިދުމަތުގެ ދަށުން ޙައްޖުވެރިން ފުރުމުގެ ކުރިން، ސަޢޫދީގެ ޓީމުތަކުން ރާއްޖޭގައި ތިބެގެން ޙައްޖުވެރިންގެ ބައޯމެޓްރިކްސްއާއި އިދާރީ އެންމެހާ މަޢުލޫމާތުތައް ނަގައި، ޕާސްޕޯޓާއި ވިސާގެ ކަންކަން ނިންމާނެއެވެ.
މި ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރާ ވަގުތު ކުޑަކުރުމެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މި ޚިދުމަތުގެ ސަބަބުން ޙައްޖުވެރިން ފްލައިޓުން ފައިބައިގެން ޓާމިނަލްގައި ހޭދަކުރަން ޖެހުނީ އެންމެ 3 މިނެޓެވެ. މީގެ އިތުރުން، ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކިއުތަކުގައި މަޑުކުރަން ނުޖެހުމާއި، އަމިއްލައަށް ލަގެޖު ނަގަން މަޑުކުރަން ނުޖެހުމަކީ ޙައްޖުވެރިންނަށް ލިބޭ ބޮޑު ލުޔެކެވެ.
ޙައްޖުވެރިންގެ ފޮށިތައް ހޮޓަލަށް ގެންދިއުމުގެ މަސައްކަތްވެސް ކުރާނީ މައްކާ ރޫޓްގެ ފަރާތުންނެވެ. އެހެންކަމުން ޙައްޖުވެރިންނަށް އެމީހުންގެ ލަގެޖު ސީދާ ލިބޭނީ ހޮޓަލުންނެވެ. މިއީ ގިނަ ބަޔަކު އެއްފަހަރާ ދަތުރުކުރާއިރު، އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ދަތުރުގެ ކަންކަން އަވަސްކޮށްދޭ ނިޒާމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަޢޫދީއަށް ކުރެއްވި ދަތުރުފުޅުގައި، މައްކާ ރޫޓު އިނީޝިއޭޓުގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ، މި ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ލިބޭނެ ގޮތަށް ހަމަޖައްސަވާފައެވެ.

