2021 ވަނަ އަހަރު ސަރުކާރުން ނެގި 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަހުގެ 2 ވަނަ ދުވަހު މި ސުކޫކު ދައްކައި ހަލާސްކޮށްފައިވާއިރު، މިއީ ރާއްޖޭގެ ދަރަނި މެނޭޖްކުރުމަށާއި ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުގެ ސާޕްލަސް ވެސް ވަނީ މިދިޔަ އަހަރުގެ 1.8 ބިލިޔަނުން 2.3 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ އިތުރުން އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން އެމެރިކާ ޑޮލަރު ވެސް ވަނީ ދައްކައި ހަލާސްކޮށްފައެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި (އެސްޑީއެފް) ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ 2024 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް އެ ވުޒާރާއިން ސިފަކުރެއެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީ ކަމަށްވާއިރު، ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 5.6 ބިލިޔަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 4.1 ބިލިޔަން ރުފިޔާ ހިމެނެއެވެ. ޓީޖީއެސްޓީއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ 19 އިންސައްތަ އިތުރުވެފައެވެ.
މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް 8.5 ބިލިޔަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 2.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 254.5 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު 1.51 ބިލިޔަން ރުފިޔާއިން 1.08 ބިލިޔަން ރުފިޔާއަށް ވަނީ ދަށްކުރެވިފައެވެ.
މި ނަތީޖާތަކުން ހާމަވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް ވަރުގަދަވެ، ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގާބިލުކަން އިތުރުވެފައިވާ މިންވަރު ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

