ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމްގެ އިތުރުން މަސްވެރިކަމާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި، އެމް.އެސް.ޕީ.އީ.އޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމެވެ.
މި ބައްދަލުވުމުގައި، 10 މާރިޗު 2026 ގައި އެމް.އެސް.ޕީ.އޭ އާއެކު ބޭއްވުނު ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަންކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި މި ހާލަތުގެ ސަބަބުން ސިނާއަތަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް އެ ޖަމިއްޔާއަށް ވަނީ އަރުވާފައެވެ.
ވަޒީރު ޝިޔާމް ވަނީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ސިނާއަތުގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

