ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ނެގި ވޯޓުގައި ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން މިއަދު ހާމަކުރި ގޮތުގައި މީދޫގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކެނޑުމާއި ވޯޓު ގުނުމުގެ މަސައްކަތް މިއަދު ހަވީރު 16:00 ގައި އިންތިހާބާ ބެހޭ މަރުކަޒުގައި ކުރިއަށްދާނެއެވެ.
ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، މީދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމެވެ. އޭނާއަށް 393 ވޯޓު ލިބިވަޑައިގެންފައިވާއިރު، ވާދަވެރި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި އޮތީ އެންމެ ވޯޓެއްގެ ތަފާތެކެވެ.
ނަމަވެސް، އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އީސީން ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލްކޮށްފައެވެ. މި މައްސަލަ ފެންމަތިވީ ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަށް މީދޫގެ ހަތަރު މީހަކު ރަޖިސްޓްރީވެފައި ވަނިކޮށް، އޭގެ ތެރެއިން އެކަކު ވޯޓުލާން ފޮނަދޫއަށް ނުދާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެމްޑީއޭއިން ބުނާ ގޮތުގައި އެ މީހާ ވޯޓުލީ ދުވަހު ހުރީ މީދޫގައެވެ. މި ވޯޓު ބާތިލްކުރުމާއެކު، ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު މިހާރު ވަނީ އެއްވަރުވެފައެވެ.
މީދޫ ކައުންސިލްގެ އެހެން ގޮނޑިތަކަށް ބަލާއިރު، ވަގުތީ ނަތީޖާއިން ދައްކަނީ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީން ކަމަށެވެ. އެގޮތުން އަންހެނުންނަށް ހާއްސަ ގޮނޑި މިސްކާ އަބްދުލްރަހްމާން ކާމިޔާބު ކުރެއްވިއިރު، ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބު ކުރެއްވީ ހުސެއިން ރަޝީދެވެ.
މީގެ އިތުރުން، މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު، އެއް ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭ އިންނެވެ. ކޮމިޓީގެ ރައީސަކަށް އިންތިހާބުވީ ޕީއެންސީގެ އަފާފް އިސްމާއިލެވެ. އަދި މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ޕީއެންސީގެ އައިޝަތު ޝުއާ މުހައްމަދާއި އެމްޑީއޭގެ ފާތުމަތު އަބްދުލް މުހްސިނެވެ.

