މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާތައް ބަނދަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ. މިކަމާ ގުޅިގެން އެމްޕީއެލް އިން އިއްޔެ ވަނީ ރަސްމީ އިޢުލާނެއް ނެރެފައެވެ.
އެމްޕީއެލް އިން ބުނެފައިވަނީ ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސްވެފައި ހުރި މުދާތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ކްލިއަރ ކުރަންޖެހޭނެ ކަމަށެވެ. އަދި މި ދީފައިވާ މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، އެ ކުންފުނީގެ ގަވާއިދުގެ ދަށުން އެ ތަކެތި ނީލަން ކިޔާނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.
މުދަލުގެ ވެރިފަރާތްތަކަށް އިއްޔެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ބަނދަރުގައި ހުރި މުދަލުގެ ތެރޭގައި އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަ، އެ މުދަލާމެދު ވަކި ގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށްވެސް އެމްޕީއެލް އިން ވަނީ އަންގާފައެވެ.
މީގެއިތުރުން، އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ހުރިނަމަ، އެ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މުދާ ނައްތާލުމަށް ހިނގާ އެންމެހާ ޚަރަދުތައް މުދަލުގެ ވެރިފަރާތަށް ބިލްކުރާނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މި ފިޔަވަޅަކީ ބަނދަރުގެ ޖާގަ އިތުރުކުރުމަށާއި، ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެމްޕީއެލް އިން މީގެ ކުރިންވެސް ވަނީ ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސްވާ މުދާތައް ކްލިއަރ ކުރުމުގެ ގޮތުން ނީލަން ކިޔުމާއި ނައްތާލުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސްފައެވެ.

