ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސްއެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތަށް 110.5 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. މި މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާއިރު، ބިން ހިއްކުމަށް ބޭނުންކުރަނީ "ފިލިޕޯ ބުރުނެލޭޝީ" ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެކެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން، އެ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ޕެނިންސުލާ އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ. ބިން ހިއްކުމުގެ އިތުރުން ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ބްރޭކްވޯޓަރ، ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ހެލްތް ސެންޓަރު ބޮޑުކުރުމާއި، ކައުންސިލްގެ އާ އިމާރާތް އެޅުން ފަދަ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އެރަށުގައި ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢުގައި ބޭނުންކުރާ ޑްރެޖަރަކީ ދާދި ފަހުން ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލި ޑްރެޖަރެވެ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ 7 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެރަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަޝްރޫޢުތަކަކީ ތ. އަތޮޅުގެ ރަށްރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު މަސައްކަތްތަކެއް ކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

