މ. މުލަކުގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އެ ރަށުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އާރްޑީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުލަކު ފިޓްނަސް ސެންޓަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފާރުތަކުގައި ކުލަލުމުގެ އެންމެ ފަހުގެ މަސައްކަތްތަކާއި، ސެންޓަރުގައި ކަރަންޓު އެޅުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި އާރްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަޝްރޫއުތައް އަވަސްކުރުމަށްޓަކައި އަލަށް ގެނައި ހެވީ ވެހިކަލްތައް އަންނަ ހަފުތާގެ ތެރޭގައި އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަހުގެ 2 ވަނަ ދުވަހު ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެނައި 230 އުޅަނދުގެ ތެރެއިން، ފުރަތަމަ ބުރުގައި 20 ރަށަކަށް ވެހިކަލްތައް ފޮނުވުމަށް ވަނީ ނިންމާފައެވެ. އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، އުޅަނދުތައް ރަށްރަށަށް ފޮނުވުމުގެ ކުރިން ކުރަންޖެހޭ ރެޖިސްޓްރީ ކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

