ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިޒް، “އޯޝަންމޭން ގްލޯބަލް” ގެ ރާއްޖޭގެ އެޑިޝަން ކަމަށްވާ “އޯޝަންމޭން މޯލްޑިވްސް” ކ. މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ.
މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. މި މުބާރާތަކީ ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ “ސްވިމް މޯލްޑިވްސް” އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި މުބާރާތުގައި 40 ގައުމަކުން ޖުމްލަ 532 ފެތުންތެރިން ބައިވެރިވެއެވެ. މީގެ ތެރެއިން 385 ފެތުންތެރިންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެއީ މުޅި ބައިވެރިންގެ 72.37 އިންސައްތައެވެ. ބާކީ ތިބި 147 ފެތުންތެރިންނަކީ ދިވެހިންނެވެ. ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވަނީ އިންޑިއާއިންނެވެ.
ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި، ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މިފަދަ ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަކީ ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ވިޒިޓް މޯލްޑިވްސް އިން އެންޑޯސްކޮށްފައިވާ މި ހަރަކާތް ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

