ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށްފަހު، އެ މަޤާމަށް އެމްޑީއޭގެ ކެންޑިޑޭޓު މުޙައްމަދު ޝާހިދު އިންތިޚާބުވެއްޖެއެވެ. މި ވޯޓު ފޮށި އަލުން ގުނާފައިވަނީ އިލެކްޝަންސްގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.
އަލުން ގުނި މީދޫ 2 ނަމްބަރު ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު، އެމްޑީއޭގެ ކެންޑިޑޭޓަށް 127 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 114 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ލިބުނީ 36 ވޯޓެވެ. މުޅި ރަށުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، އެމްޑީއޭގެ ކެންޑިޑޭޓު އިންތިޚާބު ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލީ ފަހަރެވެ. އެގޮތުން ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 73 އިންސައްތަ މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެއެވެ.

