މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އޭޝިޔާ ބައްރުގައި ކޮންސްޓްރަކްޝަން ސައިންސާއި ޑިޒާސްޓަރ ރެސިލިއަންސަށް ޚާއްސަ، ޖަޕާންގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަން އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް އިންޖިނިއަރ އަޙްމަދު އައިމަން ޝަރީފް ވިދާޅުވީ، މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ ދުވަސްތަކެއް ވެފައިވުމާއި، އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިހާރު ބޭނުންކުރާ ތޮށިގަނޑަކީ 1988 އިން 2002 އަށް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ބިނާކޮށްފައިވާ ތޮށިގަނޑެކެވެ.
“ބޭރުތޮށި ބޭނުންވަނީ ސުނާމީއާއި އުދައެރުމާއި މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް. ތޮށިގަނޑަކީ ރައްކާތެރިކަން ފޯރުކޮށްދޭން ވަރަށް މުހިންމު ވަސީލަތެއް. މޫސުމީ ބަދަލުތަކާއެކު އުދައެރުމުގެ ހާދިސާތައް އިތުރުވަމުންދާތީ މި ތޮށި މަރާމާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް” އައިމަން ވިދާޅުވިއެވެ.
މަޝްރޫއުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތައް:
- ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން.
- ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގެ ތޮށިގަނޑު 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލް ކުރުން.
- ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ-ޕްރޮފައިލް ކުރުން.
- މާލޭގެ 16 ޕަމްޕް ސްޓޭޝަނެއް މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
މި މަޝްރޫއު ނިމުމުން ރާޅުގަނޑު ސަރަހައްދުން ފެށިގެން ނޯތު ހާބަރާއި ރަސްފަންނު އަދި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މާލޭގެ އިރުމަތީ ފަރާތުގައި އާދަޔާ ޚިލާފަށް އުދައެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަވެ، މާލޭގެ މަލަމައްޗަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

