އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްޤީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ނަޒީމް ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަންޖެހިފައިވާކަމަށެވެ. މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި، މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި މަސައްކަތް އަވަހަށް ފެށުމަށްޓަކައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ދެން އެއީ މާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތެއް،” ނަޒީމް ވިދާޅުވިއެވެ. އަދި މިފަހަރު މަގު މަރާމާތު ކުރާއިރު ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި، ރަނގަޅު ފެންވަރަކަށް ތާރު އަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މި މަސައްކަތުގެ ފެންވަރު ކަށަވަރުކުރުމަށް ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ނަމަވެސް، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި މަގު ވަނީ އަޑިގުޑަންވެ، ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައެވެ. މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު މުޅިން ނިންމާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ.
އާރްޑީސީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަގެންދެއެވެ. އެގޮތުން ޖުމްލަ 255 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އެ ކުންފުންޏާ ހަވާލުވެފައިވާއިރު، އޭގެ ތެރެއިން 125 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރެވެމުންނެވެ. އަދި އިތުރު 8 ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

