މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރެއްވީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްސަ މެސެޖެއްގައެވެ. ޒާހިދު ވިދާޅުވީ ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ އިންތިޚާބު މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލީ ފަހަރެވެ. އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ބުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، “މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް، އާދެ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފީމު.”
މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ޖުމްލަ 170 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މި ޝަކުވާތަކާ ގުޅިގެން ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި، ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮންނާނެއެވެ. މި ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

