ދައުލަތުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީން ރާއްޖޭގައި ހިންގަމުންދާ ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން، އެ ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވެ ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް ފަހިވަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ކުންފުނީގެ ތާރީޚާއި ނިންމާފައިވާ މަސައްކަތްތަކަށް ބަލައި، ބޭރުގެ ބޮޑެތި ކުންފުނިތަކުން އެމްޓީސީސީއާއެކު ޕާޓްނަޝިޕް ހެދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން އިންޑިއާގެ ކުންފުންޏަކުން މޮރިޝަސްގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއްގައި ބައިވެރިވުމަށް އެމްޓީސީސީއަށް ހުށަހަޅާފައިވާކަން ސައުދީ ހާމަކުރެއްވިއެވެ. ބައިނަލްއަގުވާމީ ބިޑުތައް ކާމިޔާބުކުރުމުގައި އެމްޓީސީސީގެ މުއްސަނދި ޕޯޓްފޯލިއޯއަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، ރާއްޖެއިން ބޭރުގެ މަޝްރޫއުތަކުގައި ބައިވެރިވުމަކީ ކުންފުނީގެ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިވަގުތު ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މެޝިނަރީތައް ބޭނުންކުރަމުންދަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށްވާތީ، ބޭރުގެ ބައެއް ހުށަހަޅުންތަކަށް ފުރުސަތު ދެވެން ނެތްކަން އެމްޑީ ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން ބޭރުގެ ގައުމުތަކުން ޑްރެޖަރުތައް ކުއްޔަށް ހޯދަން އެދުނު ނަމަވެސް، ރާއްޖޭގެ ބިން ހިއްކުމުގެ މަސައްކަތްތައް ހުރުމުން އެ ފުރުސަތު ދެވެން ނެތްކަން އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ ތަފާތު މަޝްރޫއުތައް ހިންގުމުގެ ސަބަބުން އެމްޓީސީސީގައި ތިބި ދިވެހި މުވައްޒަފުންގެ ހުނަރުވެރިކަން އިތުރުވެ، އުމްރާނީ ތަރައްގީގެ އެކި ދާއިރާތަކުން ގާބިލު ދިވެހިން ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ސައުދީ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދިވެހި މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާ ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

