އިންތިޚާބާ ގުޅިގެން މިހާތަނަށް 170 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ އިންތިހާބާ ގުޅިގެން ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ޖުމްލަ 170 ޝަކުވާ ލިބިފައިވާ ކަމަށެވެ.
މި ޝަކުވާތަކާ ގުޅިގެން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ފަރާތްތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ. އިންތިހާބީ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ފަހިކޮށްދީފައިވާއިރު، ޝަކުވާ ފޯމު މެދުވެރިކޮށް އަދި އޮންލައިންކޮށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
ކޮމިޝަނުގެ ރައީސް އިތުރަށް ވިދާޅުވީ، “ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވޭ. އެ ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ލިބިގެން ދާނެ،” ކަމަށެވެ.
ވޯޓުލީ ދުވަހުގެ ތަފްސީލަށް ބަލާއިރު، އެ ދުވަހުގެ ހެނދުނު 7:00 އިން 9:00 އާ ހަމައަށް ހޭދަވި ދެ ގަޑިއިރުގެ ތެރޭގައި އެކަނިވެސް 36 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ކުރިން މައުލޫމާތު ދީފައިވެއެވެ. އޭގެ ތެރޭގައި މަނާ ގަޑިތަކުގައި ކެމްޕެއިން ކުރުމާއި، އިންތިހާބީ މައުލޫމާތުތަކާ ގުޅޭ ޝަކުވާތަކުގެ އިތުރުން ވޯޓުލާ ސަރަހައްދާ ގުޅޭ މައްސަލަތައް ހިމެނެއެވެ.
މީގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ޝަކުވާތަކާއި، ވޯޓުލުމުގެ މަރުހަލާގައި ދިމާވި އެކި މައްސަލަތަކުގެ ޝަކުވާތައް ވެސް ބިއުރޯއަށް ވަނީ ހުށަހަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި ހުރިހާ ޝަކުވާތަކެއް ވަރަށް ސީރިއަސްކޮށް ބަލަމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

